ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރީ 54 ކާރާއި ހަތަރު ވޭނެވެ. އެއީ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ގެ އަގުހުރި ވެހިކަލްތަކެވެ. އެ ތަކެތި ދިވެހި ފުލުހުންނާ ހަވާލުކުރީ އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށް ދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ އެވެ. އަދި ރާއްޖެއިން އެ ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ދިވެހި މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.
އެކަން ކުރެވޭނީ މިހާރު ހުރި ވަސީލަތްތަކަށް ވުރެ ރަނގަޅު ވަސީލަތްތައް ގާއިމްކުރެވިގެން ކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރި އުޅަނދުތަކާއެކު، މަގުމަތީގެ ހަމަޖެހުން ގާއިމްކުރަން ކުރާ މަސައްކަތް އިތުރަށް ފުޅާ ވެގެންދާނެ ކަމަށެވެ.
ޖަޕާނުގެ ސަފީރު މިޑޯރީ ވިދާޅުވީ އެ ވެހިކަލްތަކުގެ އިތުރުން ވެސް އެހެނިހެން ވަސީލަތްތައް އެ ގައުމުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
އޭގެ ތެރޭގައި އޮޕަލޭޝަނަލް ވެހިކަލާއި މެޓަލް ޑިޓެކްޓަރާއި ލޭސަރާއި ޕެސެންޖާ ކްރާފްޓާއި ރަބާ އިންފްރޭޓެބްލް ބޯޓާއި ޑައިވިން ކުރާ ސާމާނު އަދި މެޓަލް ޑިޓެކްޓާސް ކުރިއަށް އޮތް ތަނުގައި ހަދިޔާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެކުރިން ޖަޕާނުން ވަނީ އެމްއެންޑީއެފާއި ކަސްޓަމްސަށް ވެސް ވެހިކަލްތައް ހަދިޔާކޮށްފަ އެވެ.