ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
ޤުރްއާން ހިތުދަސް މީހުންނަކީ މީގެކުރިން އަތުގެ އިނގިލިން ގުނާލެވޭހައި މަދު ބައެއް ކަމަށާއި ނަމަވެސް މިހާރު އެ އަދަދު އެތައް ގުނައަކުން އިތުރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްސަ ހޭދައެއްކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
“އެކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވިގެންދާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި އަންނަ އަހަރުން ފެށިގެން ހަދާނެކަމަށް ވެސް ވިދާޅުވި އެވެ.