ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ސްޕޯޓްސް ކްލަބް (އާރު.ބީ.ޖީ.އެސް.ސީ) އާއި އއ.ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ބޮޑުފޮޅުދޫ ގެ ކުޅިވަރު ކުޅޭ އެންމެހައި ފަރާތްތަކަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ ހޭވައްލާ މަހާސަމާގެ އަންހެން ވޮލީގެ ފައިނަލަށް ނުގުޑާނެ ދަތުރު ކޮށްފިއެވެ.
މުޅި ޖުމުލަ 3 ޓީމް ވާދަކުރާ މި މުބާރާތް ކުޅެނީ ލީގު އުސޫލްނެވެ. ކުޅުނު ދެ މެޗުން މޮޅުވެ ފައިނަލަ ނުގުޑާނެ ދަތުރު ކުރީ އިއްޔެ ހަވީރު ސްރެއިންޖާރސް ވާދަކޮށް 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ވުމުންނެވެ. އެގޮތުން ފުރަތަމަ ސެޓް 23-25 ސްޓްރެއިންޖާރސް ކާމިޔާބު ކުރިއިރު 2 ވަނަ ސެޓް ވެސް 25-11 ސްޓްރެއިންޖާރސް ވަނީ ކާމިޔާބުކޮށްފައެވެ. 3 ވަނަ ސެޓްގައި ނުގުޑާނެ އިން ކުޅުން ރަގަޅުކޮށް 25-23 ވަނީ ސެޓް ކަމިޔާބު ކޮށްފައެވެ. 4 ވަނަ ސެޓް 25-23 ނުގުޑާނެ ކާމިޔާބުކޮށް ޓައިބްރޭކް ސެޓެއްކުޅެންޖެހި 5 ވަނަ ސެޓް ވެސް ވަރަށް ވާދަވެރިކޮށް ކުޅެ 16-14 އިން އެސެޓް ކާމިޔާބުކޮށް މެޗް ކާމިޔާބު ކުރީ ނުގުޑާނެ ޓިމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ނުގުޑާނެ ޓީމްގެ ޖޯރޒީ ނަންބަރ 11، އައިޝަތު ވިރާޝާއެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އިވެންޓް އޮގަނައިޒާރ އިސްމާއިލް ނިޝާމްއެވެ.
މީގެ އިތުރުން ރޭ ވަނީ ހޭވައްލާ މަހާސަމާ ފުޓްސަލް މުބާރާތުގެ ދެ މެޗު ކުޅެފައެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ޓެލެންޓޯ އާއި ޓްރިޕަލްސެވަން އެވެ. ދެޓީމްގެ ފަރާތުންވެސް މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޓެލެންޓޯއިންނެވެ. ޓެލެންޓޯއިން ސްކޯރ ކުރިތާ މާގިނަ ވަގުތެއް ނުވެ ޓްރިޕަލްސެވަން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ފަހު ހާފްގައި ކުޅެން ނިކުމެ މެޗްގެ 2ވަނަ ލަޑެއްވެސް ޓެލެންޓޯއިން ޓްރިޕަލް ސެވަން ގެ ގޯލަށް ވައްދާލިއިރު، ކުޅުން ރަގަޅުކޮށް ޓްރިޕަލްސެވްން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
2-2 އަކުން ދެޓީމް އެއްވަރުވެގެން މެޗް ނިމެން ދަނިކޮށް އެންމެ ފަހުވަގުތުކޮޅު ތެރޭ ޓްރިޕަލްސެވަން އަށް ލިބުނު ފުރަސަތުގެ ބޭނުންހިފާ ޓެލެންޓޯގެ ގޯލް ފޫއަޅުވާލައި 3 ވަނަ ގޯލެއް ޓްރިޕަލްސެވަން އިން ކާމިޔާބު ކުރިއެވެ. މި ގޯލާއެކު މެޗު ނިމުނީ 3-2 ގެ ނަތީޖާއިން ޓްރިޕަލް ސެވަން މޮޅުވެގެނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓްރިޕަލްސެވަން ޓީމްގެ ޖޯރޒީ ނަންބަރ 10، އާދިލް މުހައްމަދު އެވެ.
ރޭ ކުޅެވުނު ދެވަނަ މެޗުގައި ވާދަކުރީ ސޯލޯ ލޯބޯ އާއި ނުސިހޭނެއެވެ. މި މެޗު 6-1 ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކުރީ ސޯލޯ ލޯބޯ އެވެ.
ހޭވައްލާ މަހާސަމާގެ ފޯރިގަދަ މެޗުތައް މިއަދު ވެސް ކުރިއަށް ދާނެ ކަމަށް އާރުބީޖީ ސްޕޯރޓްސް ކުލަބުން މައުލޫމަތު ދެއެވެ.
ފޮޓޯ : އާރުބީޖީ ސްޕޯރޓްސް ކުލަބުން








