ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކޮމްޕިއުޓަރ ސިސްޓަމް ތަކަކާއި ލެޕްޓޮޕް ތަކެއް ހަދިޔާކުރައްވައިފި އެވެ.
މި ސާމާނު ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސާމާނާއި ހަވާލުވެލައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އެގޮތުން މިއަދު ޕާކިސްތާނު ހައި ކޮމިޝަނުން ވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި 7 ލެޕްޓޮޕް ހަދިޔާ ކުރައްވާފައި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި ދިވެހިރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމިއޮންނާނެކަމަށެވެ. މީގެ އިތުރުން އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޕާކިސްތާނުގެ ފަރާތުން ދިވެހިރާއްޖެއަށް، ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވަނީ ބައިވެރިވެލައްވާފައެވެ.