އޯލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ފާސްވެފައިވާ ނަމަ ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ބަދަލުކޮށްފި އެވެ.
ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔަވަން މިހާރު ފުރުސަތު ދެނީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާ އާއި އިތުރު އެއް މާއްދާއަކާ އެކު، ޖުމުލަ ފަސް މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިގެންނެވެ.
މިނިސްޓްރީން މިއަދު ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ގްރޭޑް 11،12 ގައި ކިޔެވުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަން އަންގައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ އުސޫލުގައި ގެނެސްފައިވާ މައިގަނޑު ބަދަލަކީ ކުރިން ގްރޭޑް 11،12 އަށް ވަދެވޭ ކްރައިޓީރިއާގެ އިތުރުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. އެ ބަދަލު ގެނައީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސްކޫލްތަކުގައި ޖާގަ ހުރި ނަމަ ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމަށެވެ.
އޭލެވެލަށް ކިޔެވުމުގެ ކްރައިޓީރިއާ އަށް ގެނައި ބަދަލު (ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަވުމުން ޖާގަ ލިބޭނެ)
1. އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އެ އިމްތިހާނުގެ ކޮންމެވެސް އެއް ސްޓްރީމަކުން [ސައިންސް ނުވަތަ ބިޒްނަސް] މަދުވެގެން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އިތުރު އެއް މާއްދާ އިން ދަށްވެގެން ސީ ފާހެއް ހޯދުން.
2. އޯލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
3. އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން [އައިއީޕީ] އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
4. ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދިނުމުގައި ބަލާނީ އޭގެ ކުރީގެ ދެ އަހަރު ނަތީޖާ އަށް ކަމަށާއި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ ގްރޭޑް 11 އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތް ނަމަ އެ ސްކޫލުގައި ޖާގަ އޮތް އަދަދަށް ބަލައި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުސަތު ދިނުމަށް އެދިފަ އެވެ.
އޭގެ އިތުރުން ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހަށް ވަނުމުގެ ޝަރުތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެއީ:
1. ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ ކޯހުން ދަށްވެގެން “PASS” ލިބިފައިވުން ނުވަތަ
2. އޯލެވެލް އިމްތިހާނުގެ ކޮންމެވެސް ހަތަރު މާއްދާއަކުން [ކޯހާ ގުޅޭ 2 މާއްދާ ހިމެނޭ ގޮތަށް] ދަށްވެގެން ސީ ފާހެއް ލިބިފައިވުން.