އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާއިން ބުނީ މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
މި ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާ)ގެ ޗެއަރމަން ހިޒް އެކްސެލެންސީ ލިއޯ ޒައޯހުއިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމަށްޓަކައި ވެވުނު ފަހުމުނާމާއާއި ގުޅިގެން ތަރައްޤީގެ މަޝްރޫޢުތަކަށް ހިލޭއެހީގެ ގޮތުގައި އެ ޤައުމުން ވަނީ 130 މިލިއަން ޑޮލަރު ހަމަޖައްސަވާދެއްވާފައެވެ.
މިއެހީތެރިކަމާއެކު މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާއި ގުޅިގެން އެ މަޝްރޫޢު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައި ވަނީ ޗައިނާގެ މިއެހީތެރިކަމުގެ ތެރެއިންނެވެ.
އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާއިން ބުނީ މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖްއަށްފަހު މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާއިރު މިއީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފުރަތަމަ މަރުހަލާކަމަށެވެ.