ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށާއި މާލޭ ސަރަހައްދަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން “މާލެ ފަހި” ޕްރޮގްރާމް ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ހާމަކުރުމަށް ގެނެސްދިން ރިޕޯޓްގައިވާ ގޮތުން ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެކަމާއި ގުޅޭ ދިރާސާ ކުރުން އަންނަ އޮގަސްޓް މަހު ފަށާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
“މާލެ ފަހި” ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.