ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރަސްމީ ބޭނުންތަކުގައި ބޭނުންކުރެއްވި އީމެއިލް ޑިލީޓް ކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ބޭނުން ކުރައްވަމުން ގެންދެވި ރަސްމީ އީމެއިލްގައިވާ ހުރިހާ މެއިލެއް 2023 ވަނަ އަހަރުގެ ތެރޭގައި ޑިލީޓުކޮށްފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މި މަހުގެ 25 ގައި ކަމަށްވެސް ބުންޏެވެ.
ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައި މިވަނީ ޑރ. އައިޝަތު އަލީ މިއަދު ފޭސްބުކްގައި ޕޯސްޓެއް ކުރެއްވި ފަހުންނެވެ.
އައިޝަތު އަލީ ވިދާޅުވި ގޮތުގައި އޭނާ ބޭނުންކުރެއްވި ރަސްމީ އީމެއިލް އަށް މިއަދު 1:15 ގައި ބަޔަކު ވަންނަން މަސައްކަތްކޮށްފައިވެ އެވެ. އެހެންވެ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ފަހުން އެ އީމެއިލް އެއްވެސް މީހަކަށް މެއިލްއެއް ގޮސްފިނަމަ އެއީ އޭނާ ފޮނުއްވި އީމެއިލް އެއް ނޫން ކަމަށް ދެކުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.