ހުޅުމާލެ، ފޭސް ދޭއްގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ނުރައްކާ އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ކާރަކުން ސައިކަލެއްގައި އިން މީހެއް ގައިގަ ޖެހިގެންނެވެ. އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ވެސް ފުލުހުން މަޢުލޫމާތުދިނެވެ.
މި އެކްސިޑެންޓް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައިކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލާގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓު ވުމުން ވަނީ ފިލައިގެން ގޮސްފައި ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންކަން މީޑިއާ އޮފީޝަލް ވިދާޅުވިއެވެ
މިމަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް މަގުގެ އެއްފަރާތުގައި ސައިކަލްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ ކާރުން ޖެހޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. ކާރުން ޖެހުމާއިއެކު ސައިކަލް މަތީގައި އިން މީހާ ވިއްސައިގެން ދާމަންޒަރު ވީޑިއޯ އިން ފެނެއެވެ.