ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފި

ޚަބަރު ފަހުގެ

ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. އެގޮތުން މިމަހުގެ 6 ވަނަ ދުވަހު ފެށިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުންހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީއެވެ.

މީގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިނގަމުން އައީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުންނެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް، ޤާނޫނު ނަންބަރު: 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ