އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ރާއްޖެއަށް ތައާރަފުކުރަނީ

ޚަބަރު ފަހުގެ

އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށަން ނިންމާފައިވާކަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރޭ އިއުލާން ކުރައްވައިފި އެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ތިން ދުވަހު ދަތުރުފުޅު ފެށްޓެވުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ރޭ ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި އޭނާ ވިދާޅުވީ ޔޫޕީއައިގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފޮރިން މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ރާއްޖެއަށް ޔޫޕީއައި ގެނައުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފުކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ.

“އުއްމީދުކުރަނީ ވަރަށް އަވަހަށް ރާއްޖޭގައި ޔޫޕީއައިގެ ފުރަތަމަ ޓްރާންސެކްޝަން ހިނގާތަން ފެންނާނެ ކަމަށް،” ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައިވަނީ މި އެމްއޯޔޫގެ ސަބަބުން އީ ކޮމާސްގެ ދާއިރާ އިތުރަށް ތަރައްގީކޮށް، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އެގޮތުން ޑިޖިޓަލް ޕޭމެންޓްތައް ހެދުމުގައި އިތުރަށް ފަސޭހަ އަދި ރައްކާތެރި ނިޒާމެއް ގާއިމްކޮށް އަދި ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ފަސޭހައިން މަސައްކަތް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އީކޮމާސްގެ ނިޒާމުތައް އެދެވޭ ގޮތުގައި ބޭނުން ހިފުމަށް ރާއްޖޭގެ މާލީ އިދާރާތަކަށް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ޔޫޕީއަކީ ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ހާއްސަ އެޕެއް މެދުވެރިކޮށް އޮންލައިންކޮށް ޕޭމެންޓުތައް ފަސޭހައިން ހެދޭ ނިޒާމެކެވެ. އިންޑިއާއިން ވަނީ މިދިޔަ އަހަރު މި ހިދުމަތް ސްރީލަންކާއަށް ވެސް ތައާރަފުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ