ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްހީ ފަރުވާ އަކަށް ދެ ދުވަހުގެ މުއްދަތަކަށެވެ. އެއީ މީގެކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެންނެވެ.
ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރޭ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު އާރަށުގެ ފާހަނާއެއްގައި ހުންނަވަނިކޮށް ވެއްޓި އައިޖީއެމްއެޗުން ފަރުވާ ހޯއްދެވި ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާ ނިމުނުތަނާ ސިވިއާ މައިގްރޭނެއް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށް ވެސް އަޑުތައް ފެތުރި ކަމަށެވެ.
އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި މި ވާހަކަތަކުގެ ތެރެއިން ގިނަ ވާހަކަތައް ދޮގުއިރު، ބައެއް ވާހަކަތަކުގައި ހަގީގަތް ހިމެނެއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ މާ ކުޅިވަރު މީހަކަށް ނުވިޔަސް، އާރަށުގައި އޮންނަ ދަނޑުގައި ހަފްތާއަކު ދެ ތިން ދުވަހު ފުޓްބޯޅަ ކުޅުއްވަން މަސައްކަތް ކުރައްވާ ކަމަށެވެ.
“އަޅުގަނޑުމެން ވަރަށް ފިޒިކަލްކޮށް، ފޯރީގައި ކުޅެނީ. މިތަނުގައި ތިއްބަވާނެ ކުޅޭ ގިނަ ބޭފުޅުން. ދެން އަޅުގަނޑަށް އެ ވީ ގޮތަކުން ކުޑަ އިންޖަރީއެއް ލިބުނީ. އަޅުގަނޑު ހޮސްޕިޓަލަށް އެރޭ އައިން. ދެން ދަންވަރު ވަނިކޮށް އާދެވުނީ. ދެން ފެންނާނެ އެތާ ކައިރިން މަގުގެ ޓްރެފިކް ހިފަހައްޓާފައިތާ ވަންނާނީ. ވަންނައިރު، އެތައް ބަޔަކަށް ފެންނާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ ކެފޭއެއްގައި ކޮފީ ބައްލަވަން އިންނެވި ތަން ފެނުމުން ވާހަކަ ބަދަލުވެ، ވަރަށް ކުޑަކުޑަ އިންޖަރީއެއްވި ވާހަކަ ފެތުރި ކަމަށެވެ.
ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު “ސެކަންޑް އޮޕީނިއަން” އެއް ހޯއްދެވުމުގެ ބޭނުމުގައި އާއި މީގެ ދެތިން އަހަރު ކުރިން ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.