ބަރަހަނާ މަންޒަރު އަޅާ 571 ގްރޫޕު ބަންދުކޮށް 3 މީހުން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ބަރަހަނާ ފޮޓޯއާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ފުލުހުން ސެއިޒްކޮށް، އެ އެކައުންޓުތައް ހިންގާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ)އެވެ.

އިޝްތިހާރު
އިޝްތިހާރު

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވެއެވެ. އެގޮތުން، އދ. މަހިބަދޫ / ބަހާރުގެ، ޒުބައިރު ޢަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއިވެެ. އަދި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ކ. ކާށިދޫ / ސިލިންކޯ، އިސްމާޢީލް ރަބީޙް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ.

މީގެއިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.

އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ.

މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމާ އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ.

ފުލުހުން ބުނީ މިގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ