ދިވެހި ބަހުގެ އެކެޑަމީން މިއަހަރު ބާއްވާ ގައުމީ ތިން މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފަށައިފިއެވެ.
މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތެވެ.
މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި، ވާހަކަ ލިއުމުގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މަޒުމޫނު ލިޔުމުގެ މުބާރާތް ހެނދުނު 8:00އިން 11:00ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައި ވާއިރު، 13:00އިން 16:00ގެ ނިޔަލަށް ކުރު ވާހަކަ ލިޔުމުގެ މުބާރާތް ގެންގޮސްފައި ވެއެވެ. އަދި، ޅެން ހެދުމުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އިރުއޮއްސި 18:00 އިން 21:00ގެ ނިޔަލަށެވެ.
މި މުބާރާތްތަކުގައި ޖުމުލަ 104 ސުކޫލަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އަތޮޅުތަކުގެ 82 ސުކޫލަކުން ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 22 ސުކޫލަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއެކުގައެވެ.