ލަންކާގައި ބޭރަށް ނިކުމެ ނޫޅުމަށް ދިވެހި ހައިކޮމިޝަނުން އިލްތިމާސްކޮށްފި

ޚަބަރު ފަހުގެ

ސްރީ ލަންކާގައި ކާފިއު ޢިއުލާންކޮށްފައިވާ ގަޑިތަކުގައި ބޭރަށް ނިކުމެ ނޫޅުމަށް އެޤައުމުގައި ދިރިއުޅޭ ދިވެހީންނަށް ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ލަންކާގައި ކާފިއު އިއުލާނުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭރު އެ ޤައުމުގެ ރައީސްގެ މަޤާމުގައި ހުންނެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމާ ގުޅިގެން އެފަހުން އެ ގައުމުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސްރީލަންކާގައި ކާފިއު ޢިއުލާންކޮށްފައިވަނީ މިރޭ 10 އަކުން ފެށިގެން ހެނދުނު 6 ޖެހުމާ ހަމައަށެވެ. ހައި ކޮމިޝަނުންވަނީ ކާފިއު ގަޑިތަކުގައި އެޤައުމުގައި ދިރިއުޅޭ ދިވެހީން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ. އަދި އެގަޑިތަކުގައި ކުއްލި ޙާލަތުގައި ހައިކޮމިޝަންގެ އެހީތެރިކަމަށް ބޭނުންވާކަމުގައިވާނަމަ ލަންކާ މިޝަންގެ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފައެވެ.

ހައި ކޮމިޝަނުން ބުނީ، ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން މިމަހުގެ 23 ވާ ހޯމަދުވަހަކީ އެޤައުމުގެ ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށެވެ. އެހެންކަމުން އެދުވަހަކީ ދިވެހި ހައި ކޮމިޝަންވެސް ބަންދު ދުވަހެއްކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 38 ކެންޑިޑޭޓުންވަނީ ވާދަކޮށްފައެވެ. ސްރީ ލަންކާގެ 10 ވަނަ ރައީސް އިންތިޚާބުކުރުމަށް ކުރިއަށްގެންދިޔަ އިންތިޚާބުގެ މިހާރު ވޯޓު ގުނަން ފަށާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ