ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަގެއް – 1

ރިޕޯޓް ފަހުގެ ދީން

ސިލްސިލާގެ ކުރު ތައާރުފެއް

‘ކީރިތި ޤުރުޢާނު ފަހުމްކޮށްގަތުމަށް މަގެއް’ މިސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މިސިލްސިލާއަށް ދެވިފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތްކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށްޓަކައި އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކީރިތި ޤުރްއާނު އެކުލެވިގެންވަނީ ބައިތަކަކަށް، ސޫރަތްތަކަކަށް، ބަހައިލެވިގެންނެވެ. މިއިން ސޫރަތެއްގެ މާނަ ވިސްނާ ފަހުމްކޮށްގަތުމަށްޓަކައި ދެނިގަންނަންޖެހޭ މުހިއްމު ކަންތައްތަކެއްވެއެވެ. ސޫރަތުގެ މައިގަނޑު މައުޟޫއާއި، އަދި އިތުރު އެހެން ޘާނަވީ މައުޟޫތައް ވާނަމަ، އެއީ ކޮބައިކަން ވެސް، ދެނެގަތުމެވެ. އަދި ސޫރަތް ބިނާކުރެވިފައިވަނީ ކިހިނެއްކަމާއި، އޭގައި އެކުލެވޭ ބައިތަކަކީ ކޮބައިކަމާއި އެބައިތަކުގައި އައިސްފައިވާ ވާހަކަތައް މައިގަނޑު މައުޟޫއުއާ ގުޅެނީ ކިހިނެއްކަން ވެސް ދެނެގަތުމެވެ. އަދި ސޫރަތުގައި އެކުލެވޭ މުހިއްމު މަފްހޫމު ތަކަކީ ކޮބައިކަން ފާހަގަކޮށް، އެމަފްހޫމުތަކުގެ މާނަ ދެނެގަތުމެވެ. އަދި ސޫރަތުގެ ނުވަތަ އާޔަތުގެ ސިޔާގަކީ، އޭގެ ތާރީޚީ، އިޖްތިމާއީ، ސިޔާސީ އޮނިގަނޑަކީ، ކޮބައިކަން ދެނެގަތުމެވެ. އަދި ބަލާލެވޭ ސޫރަތުން، މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ، ފައިދާއަކީ، ކޮބައިކަމާ މެދު ވެސް ވިސްނުމުގެ ނަޒަރު ހިންގާލަންޖެހެއެވެ. ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށްޓަކައި، އެހީތެރިވެދިނުމުގެ ގޮތުން ކޮށާލަން ގަސްދުކުރާ މަގުގައި، މަތީގައި ދެންނެވުނު ނުކުތާތަކުގެ އަލީގައި، ބަލާލަން ގަސްދުކުރަނީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ޖުމްލަ މާނައާއި މެސެޖަކީ ކޮބައިކަމާމެދުގައެވެ.

ކީރިތި ޤުރްއާންގެ މާނަ ދެނެގަތުމެ މަސައްކަތުގެ ތާރީޚުގެ މައްޗަށް އަވަސް ކަޅިއެއް

މި މަސައްކަތް ފެށުމުގެ ކުރިން، ކީރީތި ޤުރުއާން ދެނެގަނެ ފަހުމްކޮށްގަތުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ. އެ މަސައްކަތުން ހިތްވަރު ލިބިގަނެ، ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަސައްކަތް ކުރުމުގެ އެދުން، އެފޮތަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އަށަގަނުވައި ދިރުވޭތޯއެވެ. ސިލްސިލާގެ ފުރަތަމަ ބޮޅުގެ މައުޟޫއަކީ މިއެވެ. ކީރިތި ޤުރްއާނުގެ ތަފްސީރުގެ ތާރީޚަށް ވަރަށް ކުރުކޮށް ބަލައިލުމެވެ.

ކީރިތި ޤުރުއާން ބާވާލައްވަން ފެށުނީ މައްކާގައެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ އުމުރުފުޅުން ގާތްގަނޑަކަށް 40އަހަރުފުޅު ގައެވެ. އެއީ އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމުގެ 10 ވަރަކަށް އަހަރު ކުރިންނެވެ. މީލާދީ ސަނަތުން 610ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ބާވާލެއްވުނީ އަލަޤް ސޫރަތުގެ ފުތަރަމަ ފަސް އާޔަތެވެ. “ކަލޭގެފާނު [މުހައްމަދުގެފާނު] ހެއްދެވި، ކަލާނގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ އިސްމުފުޅު [ނަންގަނެ، ފައްޓަވައިގެން] ކިޔަވައިވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! އެކަލާނގެއީ ހުރިހާއެއްޗެއްމެ އުފެއްދެވި ކަލާނގެއެވެ. ގަނޑު ލޭކޮޅަކުން، އެކަލާނގެ، އިންސާނާ އުފެއްދެވިއެވެ. ކަލޭގެފާނު ކިޔަވާވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! ކަލޭގެފާނުންގެ ސާހިބުވަންތަ ކަލާނގެއީ އެންމެ ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެއީ ގަލަން މެދުވެރިކޮށް (އެބަހީ، ލިޔެކިޔުން މެދުވެރިކޮށް) އުނގަންނައިދެއްވި ކަލާނގެއެވެ. އިންސާނާއަށް ނޭނގޭ ކަންތައްތައް (ލިޔެކިޔުން މެދުވެރިކޮށް)، އެކަލާނގެ، އޭނާއަށް އުގަންނައިދެއްވިއެވެ.”

ކިޔެވުމާ އުނގެނުމަށް ބާރުއަޅައި ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ ބާވާލެއްވުން ބާވާލެއްވުމަށްފަހު، އޭގެ ތޭވީސްވަރަކަށް އަހަރުފަހުން، ހިޖުރައިން 11ވަނަ އަހަރުގައި ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައި ބެލެވޭ އާޔަތް ބާވާލެއްވުނެވެ. އަލްބަޤަރާ ސޫރަތުގެ 281ވަނަ އާޔަތެވެ. ކޮންމެ މީހަކުވެސް، ދުނިޔަވީ ހަޔާތުގައި، އޭނާގެ އަމަލުތައް ހެޔޮގޮތުގައި ބެހެއްޓުމަށް ހަނދާންކޮށްދީ އެކަމަށް ބާރުއަޅަމުންނެވެ. “ކަލޭމެން، އެދުވަހަކަށް، ބިރުވެތި ރައްކާތެރިވެ ތިބޭހުށިކަމެވެ. ކަލޭމެން އެންމެން، އެދުވަހުން، (މާތް)ﷲގެ ހަޒުރަތަށް، (އަނބުރާ) ގެންދެވޭނޭ ދުވަހަށެވެ. އަދި އެއަށްފަހު، ކަލޭމެންގެ ކޮންމެ މީހަކަށް ވެސް (އެމީހެއްގެ އަމަލުތަކުން) ލިބިގަތް ކަމެއްގެ ޖަޒާ، ފުރިހަމަ ގޮތުގައި، އެމީހަކަށް ދެވޭނެއެވެ. އެއްވެސް މީހަކަށް (ކުޑަކޮށްވެސް) އަނިޔާވެރިވުމެއް، (ބޭއިންސާފުވެރިވުމެއް،) ނެތިއެވެ.” މިއާޔަތް ބާވާލެއްވުނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ނުވަވަރަކަށް ދުވަސްކުރިންކަމަށް ބައެއް ހަދީސްތަކުގައި ރިވާވެގެން ވެއެވެ. އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތާއި އަދި އެންމެފަހުން ބާވާލެއްވުނު އާޔާތާ ދެމެދުގައި، 23 އަހަރުގެ މުއްދަތެއްގެ ތެރޭގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް ބާވާލެއްވި އެފޮތް ފުރިހަމަ ކުރެވުނެވެ.

ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާއަކާ އަދި ތަފްސީރެއް ލިޔުއްވި މުހައްމަދު އަސަދު ވިދާޅުވާގޮތުގައި، މިމުއްދަތުގެ ތެރޭގައި ބާވާލެއްވުނު ފޮތް، އާދެ، ކީރިތި ގުރުއާން، ހިމެނިފައިވަނީ ދުނިޔޭގެ ތާރީޚުގައި ހިނގާދިޔަ އެހެން އެއްވެސް ހާދިސާއެއް ނުކުރުވާފަދަ ބޮޑު ތައުސީރެއް އިންސާނާގެ ދީނީ، އިޖުތިމާއީ އަދި ސިޔާސީ ހަޔާތަށް ކުރުވާފައެވެ. ތައުރާތާއި އިންޖީލުފަދަ މުގައްދަސު އެހެން އެއްވެސް ފޮތެއް ވިޔަސް، ނޫނީ ތާރީޚީ އެހެން އެއްވެސް ހާދިސާއެއް ވިޔަސް، ކީރިތި ޤުރުއާން، އެންމެ ފުރަތަމަ، އެބައެއްގެ މައްޗަށް އެ ފޮތް ބާވާލެއްވުނު މީހުންގެ ހަޔާތަށް، ކުރުވިފަދަ ތައުސީރެއް ކުރުވާފައެއް ނުވެއެވެ. ކީރިތި ޤުރުއާން އެމީހުންގެ ހިތްތަކަށް ވިސްނުމާއި ފިކުރުކުރުމުގެ އިންގިލާބެއް ގެނައެވެ. އަދި ކިޔެވުމާއި އިލްމު އުނގެނުމުގެ އެދުން އެމީހުންގެ ހިތްތަކުގައި އަށަގެންނެވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ، ކީރިތި ޤުރުއާން އެބައެއްގެ މައްޗަށް ބާވާލައްވައި، އެފޮތަށް އީމާންވި ފުރަތަމަ ޖީލަށް ފަހު، ދެން އައި ތިން ހަތަރު ޖީލެއްގެ މުސްލިމުން، ދުނިޔެއަށް، އިލްމީ ބޮޑު އިންގިލާބެއް ގެނައުމެވެ. އަދި މި އިންގިލާބު، އަދުގެ ހުޅަނގުގެ އިލްމީ ކުރިއެރުމުގައި، މުހިއްމު ދައުރެއް އަދާކުރިއެވެ. ހުޅަނގުގެ ހަޟާރަތުގެ ބިންގާ ކަމުގައިވާ ޔޫނާނީ ޙަޟާރަތުގެ އިލްމީ ތަރިކަ ދިރުވައި ރައްކާކޮށް، އެތަރިކައަށް އިތުރު މުއްސަނދިކަން ގެނެސް، އެތަރިކަ ހުޅަގަށް ފޯރުކޮށްދިނެވެ. އާދެ، މުސްލިމުންގެ ތެރޭގައި، މިދެންނެވި އިލްމީ އަދި ފިކުރީ އިންގިލާބު ގެނައީ ކީރިތި ޤުރުއާނެވެ. އެފޮތުގައި ކިޔެވުމާއި އުނގެނުމަށް ބާރުއަޅައިފައި އޮތް އޮތުމެވެ.

މިހިސާބުން އުފެދޭ ސުއާލަކީ އިލްމީ ތަފާތު ރޮނގު ރޮނގުގައި އިލްމު އުގެނި ކުރިއަށްދާން، ކީރިތި ޤުރުއާން، އެފޮތް އެންމެ ފުރަތަމަ ބަލައިގަނެ، އެ ފޮތް ކިޔެވި ޖީލުތަކަށް ހިތްވަރު ލިބުނުއިރު، ފަހުގެ ޖީލުތަކުގެ މުސްލިމުން، އަދި ވަކީން ޚާއްސަކޮށް، އަދުގެ މުސްލިމުން، އިލްމީ ރޭހުގައި ފަހަތަށްޖެހުނީ ކީއްވެބާއެވެ؟ އިހުގައި ކީރިތި ޤުރުއާންވެފައި އޮތީ އިލްމީ ގޮތުން ކުރިއެރުމަށް ބާރު އަޅައި ހިތްވަރުދޭ ފޮތަކަށެވެ. މިހާރު ކަންތައް އޮތީ މިހެން ބާވައެވެ؟ މި ސުއާލުތަކުގެ ޖަވާބު ހޯދައި ކަނޑައަޅާލުމަކީ މިލިޔުމުގެ މަގުސަދެއްނޫނެވެ. ނަމަވެސް، މިސުއާލާ ދޭތެރޭ ވިސްނާލުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށްލުމުގެ ގޮތުން މި ސުއާލުތައް އުފުލާލެވުނީއެވެ.

އެއްވެސް ޝައްކެއްނެތެވެ. ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް، އެފޮތް އުނގެނި ދަސްކޮށް، އެފޮތުގެ އާޔަތްތަކާއި މެދު ވިސްނައި ފިކުރުކުރުމަށް، ބާރުއެޅިފައި އެބަ އޮތެވެ. މަތީގައި ނަންގަނެވިދިޔަ ޢަލަޤު ސޫރަތުގެ އާޔަތްކޮޅަށް ބަލާލިޔަސް މިކަން ފެނިގެންދެއެވެ. މީގެ އިތުރުން، ވިސްނާ ފިކުރުކުރުމަށާއި އިލްމު އުނގެނުމަށް ބާރުއަޅާ އެހެން އެތައް އެތައް އާޔަތެއް ވެސް ކީރިތި ޤުރުއާނުގައި ވާރިދުވެފައި ވެއެވެ. މިސާލެއްގެ ގޮތުން ދެތިން އާޔަތަކަށް އިޝާރަތްކޮށްލާނަމެވެ. އަލްއަންޢާމު ސޫރަތުގެ 98ވަނަ އާޔަތުގައި ކީރިތި ބާވާލެއްވިފައިވަނީ ‘ރަގަޅަށް ފަހުމްކޮށް ވިސްނާ’ ބައެއްގެ މައްޗަށް ކަމުގައި އައިސްފައި ވެއެވެ. އަދި ޔޫނުސު ސޫރަތުގެ 24ވަނަ އާޔަތުގައި އެފޮތް ބާވާލެއްވިފައިވަނީ ‘ވިސްނާ ފިކުރުކުރާ’ ބައެއްގެ މައްޗަށްކަމުގައި އައިސްފައި ވެއެވެ. އަދި އައްނަޙްލު ސޫރަތުގެ 12ވަނަ އާޔަތުގައި އެފޮތް ބާވާލެއްވިފައިވަނީ ‘ބުއްދީގެ ހަމަތައް ބޭނުންކުރާ’ ބައެއްގެ މައްޗަށް ކަމުގައި އައިސްފައި ވެއެވެ. އަދި އައްނިސާ ސޫރަތުގެ 82ވަނަ އާޔަތުގައްޔާއި ޞޯދު ސޫރަތުގެ 29ވަނަ އާޔަތުގައި، ކީރިތި ޤުރްއާނުގެ އާޔަތްތަށް އިޝާރާތްކުރާ މާނައަކީ ކޮބައިކަމާމެދު ‘ތަދައްބުރު ކުރުމަށް’، ‘ފުންކޮށް ވިސްނައި ފިކުރުކުރުމަށް’ ގޮވާލެވިފައި ވެއެވެ. މިއިން އެނގެނީ ކީރިތި ޤުރުއާނަކީ އުނގެނި ދަސްކުރަން އޮތް ފޮތެއްކަމެވެ. އެފޮތުގެ އާޔަތްތަކަކީ އެޔާ މެދު ވިސްނައި ފިކުރުކުރުމަށް އޮތް އާޔަތްތަކެއް ކަމެވެ. މިކަން އަދައިގެން މަސައްކަތްކޮށްފި ކޮންމެ މީހަކަށްމެ، އެއީ ކުރެވިދާނޭ ކަމެއްކަންވެސް މިއާޔަތްތަކުން ދޭހަ ވެއެވެ.

އެއްވެސް ޝައްކެއްނެތެވެ. އެންމެ އިހުގައި މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި އުޅުނީ އެފޮތް ވިސްނައި ފަހުމްކޮށްގަތުމަށްޓަކައެވެ. އިސްލާމީ ތާރީޚުގެ ސަފުހާތަކުން މިކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ހިޖުރައިން 8ވަނަ އަހަރު މައްކާ ފަތަހަކުރެވި، އެއާވިދިގެން އަރަބިކަރައިގެ ހުރިހާ ގަބީލާތައްހެން، އިސްލާމް ދީން ގަބޫލުކުރުމުން، އެގަބީލާތަކުގެ މީހުންގެ ގާތަށް، ކީރިތި ރަސޫލާ، ބައެއް އަސްހާބުބޭކަލުން، ފޮނުއްވިއެވެ. އެމީހުންނަށް ޤުރުއާން ކިޔަވައިދެއްވުމަށްޓަކައެވެ (ليقرئ عليهم القرآن). އަދި އެހެން ރިވާޔަތެއްގައި “އެމީހުންނަށް ޤުރްއާން އުނގަންނައި ދެއްވުމަށްޓަކައެވެ (ليعلمهم”. މިދެ ރިވިޔާތް އަޅާކިޔާލުމުން، ކިޔަވައިދިނުމުގެ (ليقرئ)، ‘ކިޔަވައިދެއްވުމަށްޓަކައި’ މި އިބާރަތުގެ މާނައަކީ (ليعلم) ‘އުނގަންނައިދިނުމަށްޓަކައި’ކަން ވަރަށް ސާފުކޮށް އެނގެއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު ކީރިތި ޤުރުއާން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އެދުވަސްވަރުގެ އިސްލާމީ އުއްމަތުގެ މައި ރަށްތަކުގައެވެ. ހިޖާޒުކަރައިގެ މައްކާއާއި މަދީނާގައެވެ. ޝާމްކަރާއިގެ ދިމިޝްގުގައެވެ. އިރާގުގެ ކޫފާއާއި ބަސްރާ އަދި ބަޣްދާދުގައެވެ. މިސުރުގެ ފުސްތާތުގައެވެ. (އިހުގެ ފުސްތާތުކަމުގައި ހިމެނުނު ރަށުގެ ސަރަހައްދު މިއަދު ހިމެނެނީ މިސުރުގެ ވެރިރަށް ގާހިރާގެ ތެރޭގައެވެ.) އަދި، ފަހުން އުތުރު އެފްރިކާގެ ރަށްތަކުގައްޔާއި އަންދަލުސް (މުސްލިމް ސްޕެއިން)ގައި ވެސްމެއެވެ. މިރަށްރަށުގެ މިސްކިތްތަކުގައްޔާއި މަދަރުސާތަކުގައެވެ. މިމަސައްކަތްކުރެވުނު ގޮތުގެ ތަސައްވުރެއް، އަޅުގަނޑުމެންގެ އަތުގައިވާ ބައެއް އިސްލާމީ ފޮތްތަކުން ލިބެން އެބައޮތެވެ. ހަދީސްފޮތްތަކުގައި ލިޔެވިފައިވާ ޤުރުއާން ތަފްސީރާ ބެހޭ ބާބުތަކުންނެވެ. އަދި އިހުގެ ޤުރްއާން ތަފްސީރުތަކުން ވެސްމެއެވެ. (ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ