ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހުގައެވެ.
ރުޕޭ ކާޑު ބޭނުން ކޮށްގެން އެންމެ ފުރަތަމަ ޓްރާންސެކްޝަން ހަދާފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާ ސްޓޭޓްމެންޓް ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގައި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފަ އެވެ.
ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފުކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ.
ރުޕޭ ކާޑު ތައާރަފުކުރުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެ އެވެ. ރުޕޭއަކީ އިންޑިއާގައި ވަރަށް ބޮޑަށް މަގްބޫލުކަން ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.
ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ވެސް އިންޑިއާގައި ދިރިއުޅެމުން އަންނައިރު ރުޕޭ ކާޑު ބޭނުންކޮށްގެން ދެ ގައުމުގައި ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ލިބޭނެ އެވެ.