ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރުކަމަށާއި މިހާރު އެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފިރާޤް ވިދާޅުވީ ސަރުކާރަށް އެއް އަހަރުވެގެންދާ އިރު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރު ވެރިކަމަށް އައީ ވަރަށް ބޮޑަށް ‘އިންޑިއާ މިލިޓަރީ އައުޓް’ގެ ޓެގްލައިން ބޭނުންކޮށްގެން ކަމަށް ވެފައި އެކަމުގައި ހަގީގަތެއް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭރު ސަރުކާރާއި މެދު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ތެރެއިން ވަރަށް ގިނަ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ފިރާޤް ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަމަށް އައުމަށް ސަރުކާރުން ބޭނުން ކުރި އެންމެ ބޮޑު އުކުޅަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުން ކަމަށް ފިރާޤް ވިދާޅުވިއެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ސަރުކާރުން ހެދީ ދޮގުކަން މިއަދު އެބަ ހާމަވާ ކަމަށް ފިރާޤް ވިދާޅުވިއެވެ.
“އަޅުގަނޑު ކައިރީގަ ވެސް ވަރަށް ގިނަ މީހުން އަހާ ތެދެއްހޭ އެއީ އެ މީހުން އެބަ ތިބިހޭ. ހަތިޔާރު އެބަ ގެންގުޅޭހޭ. އަޅުގަނޑު ބުނިން ނޫނޭ. އެ މީހުން ކުރާ ކަމަކީ ބަލި މީހުން އުފުލުމޭ. އެކަމަކު އެ ދޮގު ވާހަކަތައް އެ ދުވަހު އާއްމުން ގަބޫލުކުރި. މިއަދު ހަނިމާދޫގަ ހަމަ އެބަ އުޅޭ. އެ ޑޯނިއާވެސް ދުއްވާ އެބަ. އެކީ މިލިޓަރީ ޑޯނިއާ. މިއަދު ސުވާލަކީ ވެރިކަމަށް އަންނަން ހެދި ދޮގު ހަދާފަ ކީއްވެހޭ އެ ދުއްވަނީ. ހަމަ ހަނިމާދޫގަ އުޅެނީ. އެއަށް ވުރެ ގިނަވީ. ހަމަ އެ މީހުން އެހެން ނަމެއްގަ ގެނެސްފައި ތިބީ. މި އިނގެނީ ވެރިކަމަށް އަންނަން ހެދީ ދޮގުކަން.” ފިރާޤް
ހަމައެހެންމެ ހަނިމާދޫ އެއާޕޯޓް ހަދަމުން ދަނީ އިންޑިއާގެ ލޯނު އެހީގައި ކަމަށް ވާއިރު އެކަން އޮޅުވާލުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ފިރާޤް ތުހުމަތުކުރެއްވިއެވެ.
ފިރާޤް ވަނީ އެކަން އޮޅުވާލައިގެން އެއާޕޯޓް އެޅުމުގެ ކްރެޑިޓް މި ސަރުކާރުން ނަގަން އުޅޭ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.
“ހަނިމާދޫ އަށް އެކަނި ބެލިއަސް ލޯނު ނަގައިގެން ކުރި ކަންކަން އެބަ ފެނޭ. ބޮޑު ޕަސަންޓެއް އެބައޮތް ފެންނަން. މިއަދު ހަނިމާދޫ އަށް އެރީމަ އެބަ ބުނޭ ހާދަ ބޮޑޭ އެއާޕޯޓް. މިއަދު އެތިބީ ހިޖުރަ އޮޅިފަ. މިއަދު ސަރުކާރުން މިއުޅެނީ ތަރިޖަހަން. އެކަމެއް ނުވާނެ. 1 އަހަރު ނިމުނީ އަޅުގަނޑަށް ފެންނަނީ މިހެން ތިބޭތަން ކުރިއަށް އޮތް ދެ ތިން އަހަރުވެސް. ސިޔާސީ މަޤާމުތައް އިތުރުވެއްޖެ” ފިރާޤް