އެމްއޭސީއެލުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ އެމްއޭސީއެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޭއްވުނު ފުރަތަމަ ފެއާ މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޣާޒީ ސްކޫލްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއޭސީއެލުން ބުނީ “އެމް.އޭ.ސީ.އެލް ކެރިއަރ 2024″ގެ ނަމުގައި ކުރިއަށްގެންދާ ކެރިއަ ގައިޑެންސް ޕްރޮގްރާމްގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއާޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަޤުބަލާއި މެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުން ކަމަށެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމަށާއި އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމްއޭސީއެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެން ގިނަ އެއާޕޯޓުތަކާއި ހިލާފަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ވަކި ރަށެއްގައި ހިންގާ އެއާޕޯޓެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މި ރަށަކީ އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރަށް ވަރަށް ގިނަ މުނިސިޕަލް ޚިދުމަތްތަކާއި އެހެނިހެން ދާއިރާތަކެއްވެސް ހުރި ތަނެއް ކަމަށާއި އެހެންކަމުން އެމްއޭސީއެލް އަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ކެރިއަ ގައިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ސެޝަނަކަށް ބަހާލައިގެންނެވެ. ކޮންމެ ސެޝަނެއްގައި ލަކީޑްރޯއެއް ނެގުމަށް ހަމަޖެހިފައިވާއިރު، މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ފެއާ ކުރިޔަށްދާ ވަގުތު ގުރުއަތުން ހޮވޭ 10 ދަރިވަރަކަށް ހަދިޔާ ލިބޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ