މި އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ނިންމި ނަމަވެސް އެ ބަޖެޓްގެ އަދަދެއް އަދި ކަނޑަނާޅާ ކަމަށެވެ.
ސަޕްލިމަންޓް ބަޖެޓުގެ ގޮތުގައި ފަސް ބިލިއަނެއްހާ ރުފިޔާ ހުށަހަޅަންޖެހޭނެކަމަށް ލަފާކުރެއްވޭ ކަމަށާއި، އެކަމަކު ސީދާ އަދަދެއް ނިންމާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމާ ގުޅޭ ގޮތުން ކެބިނެޓުގެ ކުރައްވާ މަޝްވަރާ އަށް ފަހުގައި ކަމަށް ޒަމީރު ވިދާޅުވިއެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހު އަހަރު ވެސް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅިއެވެ. އެ ފަހަރު ފާސްކުރީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ.
ސޯލިހްގެ ސަރުކާރުން ހަރަދުތައް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަން ބޭރުން ދިން ފައިސާގެ ތެރެއިން ދެ ބިލިއަނެއްހާ ރުފިޔާ ނިމުނު އަހަރު ރެކޯޑުކޮށްފައި ނެތުމުން އެކަމުގައި އިހުމާލުވާ މީހުންނާ ދެކޮޅަށް މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.
ޒަމީރު ވިދާޅުވީ އަހަރު ދެބައިވިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓު، މިދިޔަ ޖޫން މަހުން ފެށިގެން ނެރުން މަޑުޖައްސާލީ އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަފީގު ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެހެންވެ މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށާއި އޭގެއިތުރުން ވެސް މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގެ ހުރުން އެކަށީގެންވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މަޝްރޫއުތަކަށް ކުދި އަދަދުތަކުން ފައިސާ ޖެހުމަށްފަހު، އެޑްވާންސް ޕޭމެންޓު ދިނުމަށްފަހު ބަޖެޓުގައި ނެތް ޖާގައަކުން އެ ހަރަދުތައް ހަމަޖައްސަން މަޖުބޫރުވާނެހެން މާލީ ހިސާބުތައް ބެލެހެއްޓުމަކީ ހެދި ގޯހެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. މިދިޔަ އަހަރު ބިލުކުރި ތިން ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން ހަމަޖައްސަން ޖެހުނު ކަމަށް ޒަމީރު ވިދާޅުވިއެވެ.