އޭސީސީން މި މަހު ނެރުނު “ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް” ގައި ވަނީ އިންޝުއަރެންސްގެ ނިޒާމާއި އާސަންދަ އަދި އެންސްޕާ ހިންގުމުގައި ކޮރަޕްޝަނާއި ނާޖާއިޒު މަންފާއަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބުނެފަ އެވެ.
އެހެންވެ، އާސަންދަ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު ގަވައިދުތައް ހެދުމާއި ބަދަލުތައް ގެނައުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
އެ ކަންކަމުގެ ތެރެއިން، އާސަންދައަކީ ދެމެހެއްޓެނިވި ސްކީމަކަށް ހެދުމަށް ކޮންޓްރިބިއުޓަރީ ނުވަތަ އާއްމުން ހިއްސާވާ ސްކީމަކަށް ދިއުމަށް ނުވަތަ މާލީ ފުދުންތެރިކަމަށް ބަލައި އެ މީހުންނަށް ނޮން-ކޮންޓްރިބިއުޓަރީ އުސޫލުން އެ ހިދުމަތް ދިނުމަށް ވަކި ހާއްސަ ދިރާސާތަކެއް ކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ވަނީ ލަފާދީފަ އެވެ.
އާސަންދައިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި 823 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފުރަތަމަ ކުޢާޓާގައި މިއަދަދު ހުރީ 838 މިލިއަންގައެވެ.
އާސަންދައިން ބުނީ އަހަރުގެ ދެވަނަ ކުއާޓާއި އެ ސްކީމުން 265،059 މީހުން ހިދުމަތް ހޯދާފައިވާކަމަށެވެ. އަދި ދެވަނަ ކުޢާޓާގައި އިމެޖެންސީގައި ބަލި މީހުން އުފުލި އަދަދަކީ 1232 ކަމަށެވެ.
ދެވަނަ ކުއާޓާގައި އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރު ބޭސް ފަރުވާކުރި އަދަދު 2807 އަރާކަމަށެވެ.