އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އަފްގާނިސްތާންއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
ފުރަތަމަ ސެޓު ފަށައިގެން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން އަތުން އާދައިގެ ގޯސްތަކެއް ހެދި އަފްގާނިސްތާން އިން ބޮޑު ލީޑެއް ނެގި އެވެ. އަދި މި ސެޓުގެ ފަހު ކޮޅު ރާއްޖޭގެ ކުޅުންތެރިން އަތުން ގިނަ ސާވިސްތަކެއް މިސްވި އެވެ. މި ސެޓު އަފްގާނިސްތާން އިން ގެންދިޔައީ 25-19 އިންނެވެ.
ދެ ވަނަ ސެޓުގައި ވެސް އަފްގާނިސްތާން ފެނިގެންދިޔައީ އިތުބާރާ އެކު، ކުޅުނު މަންޒަރެވެ. މި ސެޓުގައި އަފްގާނިސްތާން އިން ކޯޓު މެދުން ކުރި އެޓޭކުތައް ކާމިޔާބުކޮށް ފެނިގެންދިޔައިރު، މި ސެޓުގައި ވެސް ރާއްޖެ އަށް ދިމާވި މައްސަލަ އަކީ އަފްގާނިސްތާންގެ އެޓޭކުތައް ރިސީވް ނުކުރެވުމުގެ މައްސަލަ އެވެ. މި ސެޓު އަފްގާނިސްތާން އިން ގެންދިޔައީ 25-18 އިންނެވެ.
ތިން ވަނަ ސެޓު ފަށައިގެން އަފްގާނިސްތާނުން ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރި އެވެ. އަދި މި ސެޓު ގެންދަން ސެޓް ޕޮއިންޓް ދެ ބުރަކަށް ރާއްޖެއަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފި، 28-26 އިން ސެޓު ގެއްލުނީ އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ ކިރްގިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި ރާއްޖެއިިން ނުކުތީ ތަޖިކިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ.