އިންޑޮނޭޝިއާގެ އައު ރަައީސް ޕްރަބޯވޯ ސުބިއަންތޯއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެ ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރުގައި ތަރައްގީގެ އައު ހަރުފަތްތަކެއް ގިރާކުރެވި ސުލްޙަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ސިޓީފުޅު ނިންމަވާލައްވާފައިވަނީ ރައީސް ސުބިއަންތޯއަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.