މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ފަރުވާދޭން ފުލުހުންނަށް ފެންނަ މީހުން ފާހަގަކޮށް އެމީހުން ރިމާންޑް ސެންޓަރަށް ގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ ސަލާންޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ހިމެނޭ.” ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން
އަދި މި މަސައްކަތުގެ ތެރެއިން މިމަހުގެ 09ވަނަ ދުވަހުގެ ނިޔަލަށް 14 މީހުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ބަންދުކޮށްފައިކަން ނާހިދު ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަން މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދިޔުމަށް ނިންމާފަވާއިރު މަގުމަތިން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމުގެ ޔަގީންކަން ނާހިދު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ނާހިދު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103ވަނަ މާއްދާއަކީ މީގެ ކުރިން އެއްވެސް ވަރަކަށް ބޭނުންކުރެވިފައި ނުވާ މާއްދާއެއް ކަމަށާއި މިމާއްދާގެ ދަށުން މަސްތުވާތަކެތީގައި ފަރުވާދޭންޖެހޭ މީހެއް ކަމަށް ފުލުހުންނަށް ފެންނަ މީހުންނަށް ފަރުވާދިނުމުގެ މަގު ފަހިވެފައިވާ ކަމަށެވެ.