ނޭޕާލްގެ ކަތުމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި ކުޅުނު ސާފް ވިމެންސް ޗެމްޕިއަންޝިޕް 2024ގެ ގްރޫޕް އޭގެ ފަހު މެޗުގައި ފަސް ފަހަރު ޗެމްޕިއަން އިންޑިއާ ބަންގްލަދޭޝް އަތުން 3-1 އިން ބަލިވެއްޖެ އެވެ.
ބަންގްލަދޭސް އިންވަނީ މެޗް ގެ 18 ވަނަ މިނެޓްގައި އިންޑިއާކޮޅަށް ލަނޑެއްޖަހާ މެޗްގެ ލީޑުނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ ބަންގްލަދޭޝްގެ ޓީމްގެ އަފީދާ ޚަންޑަކަރ އެވެ. އަދި އެޓީމުގެ ޓޮހޫރާ ޚަތޫން ވަނީ މިމެޗްގައި 29 އަދި 42 ވަނަ މިނެޓުގައި ދެ ލަނޑުޖަހާފައެވެ. ބަންގްލަދޭޝްވަނީ 3-0 ގެ ނަތީޖާއިން ބޮޑު ލީޑެއްނަގާފައެވެ. މި މެޗްގެ 44 ވަނަ މިނެޓްގައި އިންޑިއާ ވަނީ ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ ބާލާ ދޭވީއެވެ. މެޗްގެ ދެވަނަ ހާފްގައި ލަނޑެއްޖެހިފައެނުވެއެވެ.
މި މެޗްއިން އިންޑިއާ ބަލިވި ނަމަވެސް، ދުނިޔޭގެ 68 ވަނައިގައި އޮތް އިންޑިއާއިން ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނާގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.
ފީފާ ރޭންކިންގެ 139 ވަނައިގައި އޮތް ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި ޕާކިސްތާނާ ވާދަކޮށް 1-1 އިން އެއްވަރުވެ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މިދިޔަ ހަފްތާގައި އިންޑިއާ އަތުން 5-2 އިން ބަލިވި ޕާކިސްތާން ވަނީ ކަޓާފައެވެ.