ހދ. އަތޮޅު ޓޫރިޒަމް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހަނިމާދޫގައި ބާއްވައިފި

ޚަބަރު ފަހުގެ

ހދ. އަތޮޅު ޓޫރިޒަމް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ހަނިމާދޫ ބެއަރފުޓްގައި ކުރިއަށްގެންގޮސްފިއެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ އިސް މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރެވި، އަތޮޅުގެ ފަތުރުވެރިކަމުގެ މުސްތަޤްބަލާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

ބައްދަލުވުމުގައި އަލްފާޟިލް އައުޒަމް އާދަމް ޗެއަރޕަރސަންގެ މަޤާމަށާއި އަލްފާޟިލް އަބްދުއްސައްތާރު ޙަސަން ވައިސް ޗެއަރޕަރސަންގެ މަޤާމަށް އިންތިޚާބުކުރެވުނެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން، މޭޔަރ މުޙައްމަދު އާޠިފް، އަލްފާޟިލް ޢަބްދުﷲ އަސްލަމް، އަލްފާޟިލް މުޙައްމަދު ވަޙީދު އަދި އަލްފާޟިލް ޢަބްދުﷲ ނަދީމް ހިމެނޭ ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ހދ. އަތޮޅުގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަށްޓަކައި ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލުމަށް މަޝްވަރާކުރެވުނެވެ. މި ގޮތުން، ދެމެހެއްޓެނިވި އީކޯ-ޓޫރިޒަމް، ޘަޤާފީ ތަރިކަ ރައްކާތެރިކުރުން އަދި އައު ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި ފަތުރުވެރިންގެ ޝައުގު އިތުރުކުރުމަށްޓަކައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ މަޝްރޫޢުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

ދުރު ރާސްތާގެ ސްޓްރެޓެޖީގެ ބައެއްގެ ގޮތުން، މި ލަނޑުދަނޑިތައް ރާވައި ތަންފީޒުކުރުމުގައި އިރުޝާދު ދިނުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓެއް ހޯދުމަށް ކޮމިޓީން ނިންމިއެވެ. މި ނިންމުމުގެ މަޤްޞަދަކީ ރަށުގެ މަޢުލޫމާތާއި ތަޖުރިބާކާރުންގެ އިރުޝާދާއި އެކު، ހދ އަތޮޅަކީ ދިވެހިންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ މަންޒިލެއްގެ ގޮތުގައި މާކެޓްކޮށް ފަތުރުވެރިކަމުގެ މައި ހަބަކަށް ހދ އަތޮޅު ހެދުމެވެ.

މި ބައްދަލުވުމަކީ ހދ. އަތޮޅުގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަށް އައު އުންމީދުތަކެއް ގެނެސްދޭ ފެށުމެއް ކަމުގައި ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އަތޮޅުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ