ބުޅާތަކަށް ހާއްސަ “އޮޅު ހިޔާ” ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި

ޚަބަރު ފަހުގެ

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ “އޮޅު ހިޔާ”، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

މި ސަރުކާރުގެ “ހަފްތާ 14” ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ފެސިލިޓީ ހުޅުވުމަށް ހުޅުމާލޭގެ ފޭސް-2 ގައި ކުރިއަށްދިޔަ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއް ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވަނީ އޮޅު ހިޔާ މަޝްރޫއު ހަގީގަތަކަށް ހެދުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި ރާއްޖޭގައި މިފަދަ ދިރޭތަކެތި ރައްކާތެރި ގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ނަމުގައި މިނިސްޓްރީއެއް ގާއިމުކުރެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ފެސިލިޓީ ގާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަސީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫއު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކާ ބައްދަލުކުރައްވައި އެކައުންސިލްތަކުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ޕެޓް ކެއާ ފެސިލިޓީ، “އޮޅު ހިޔާ” ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ