ނޫސްވެރިންނަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބުނީ މިރޭ 8:00 ހާއިރު ކަމަށާއި އެއާއެކު ފުލުހުންގެ އިންޓެލިޖެންސާއި ގޭންގު ކްރައިމްސް އޮޕަރޭޝަން ޔުނިޓު އަދި ހުޅުމާލޭ ކްރައިމްސް ޑިޕާޓްމަންޓު ގުޅިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައި މާގިނައިރުތަކެއް ނުވަނީސް، ހިޔާ ޓަވަރުގެ އެ ފުލެޓު ހޯދިފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ދޮރު ވައްޓާލައިގެން ފުލެޓުގެ ތެރެއަށް ފުލުހުން ވަން އިރު، ގޭންގަކަށް ނިސްބަތްވާ އެމީހުން ވަނީ ރަހީނުކޮށްގެން ގެންގުޅުނު މީހާގެ ބޯ ބާލާފައި ކަމަށާއި އޭރު އެމީހުން މަސައްކަތްކުރަމުންދިޔައީ އިނގިލިތައް ބުރިކޮށްލުމަށް ކަމަށް ރަހީނުގައި ހުރި މީހާ މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ ފުލެޓަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ހިންގާ ތަނެއްކަން ފާހަގަވެފައިވާ ކަމަށާއި އެތަނުން މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށެވެ. އަދި ރަހީނުގައި ހުރި މީހާ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.