ކޯސްޓްގާޑް “ހުރަވީ” މަރާމާތަށް އިންޑިއާއަށް

ޚަބަރު ފަހުގެ

އިންޑިއާ ސަރުކާރުން ހަދިޔާކުރި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް “ހުރަވީ” މަރާމާތަށް އިންޑިއާއަށް ފުރައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާގެ ކޯސްޓްގާޑް މަނަވަރު “އައިއެންއެސް ތަލްވާރު” އައިއިރު، އެ މަނަވަރާއެކު “ހުރަވީ” އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިދިޔަ އަހަރު ރާއްޖެއަށް ހަދިޔާ ކުރި ކޯސްޓްގާޑް ޝިޕް “ހުރަވީ” ހިލޭ މަރާމާތު ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މަޝްވަރާ ކުރައްވައި އެއްބަސްވި ކަންކަމުގެ ތެރޭގައެވެ.

އިންޑިއާ އިން ނިންމީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން “ހުރަވީ” ހިލޭ މަރާމާތުކޮށް ދިނުމަށެވެ. މީގެކުރިން ވެސް އިންޑިއާގެ ހިލޭ އެހީގައި ކޯސްޓްގާޑް ޝިޕް “ހުރަވީ” ވަނީ މަރާމާތުކޮށްފައެވެ. އާންމު ގޮތެއްގައި އެއިން ކޮންމެ މަރާމާތަކަށް ހަތަރު މިލިއަން ޑޮލަރު ހަރަދުކުރެއެވެ.

ކޯސްޓުގާޑުން މިހާރު ބޭނުންކުރާ “ހުރަވީ” އަކީ އެ ނަމުގައި ކުރިން ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި އިންޑިއާއިން ހަދިޔާ ކުރި އުޅަނދެކެވެ. އިންޑިއާ އިން ވަނީ އޭގެ ކުރިން “ހުރަވީ” ގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އުޅަނދު ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އިންޑިއާގެ ކޯސްޓްގާޑުން މި އުޅަނދު ރާއްޖެއާ ހަވާލުކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ. އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ 2 އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން އަންނަނީ އިންޑިޔާގެ ހިލޭ އެހީގައެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް “ހުރަވީ”އަކީ ބަލި މީހުން އުފުލުމަށާއި ކަނޑުމަތީގައި ހިނގާ ތަފާތު ހާދިސާތަކުގައި ހަރަކާތްތެރިވުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުން ކުރަމުން އަންނަ އެންމެ ބޮޑު އުޅަނދެވެ.

އެމްއެންޑީއެފް ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެކެވެ. އަދި މިކަމުގައި އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަން އެމްއެންޑީއެފުން އަބަދުވެސްފާހަގަވެސް ކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ