2025 ވަނަ އަހަރަށް ބަޖެޓު ހުށަހަޅުއްވާފައިވާނީ، އެންމެ މުއްސަނދިމީހާ އަތުން ހޯދާފައި، އެންމެ ނިކަމެތި މީހާއަށް ލިބޭ ނިޒާމުގެ ދަށުން، އިޤްތިޞާދީ ޢަދުލުވެރިކަން ތަންފީޒުކުރެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ބައްޓަންކުރައްވާފައިވާނީ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، ސަބްސިޑީ ނިޒާމާއި، އާސަންދަ ނިޒާމާއި ޕެންޝަން ނިޒާމާއި، އަދި އެސް.އޯ.އީ ތަކާ ގުޅޭ މުހިންމު އިޞްލާޙުތައް ފަދަ، މި ޤައުމުގެ ބައެއް ކަންކަމުގައި ގެންނަންޖެހޭ އިސްލާޙުތައް ގެނެސްގެން ކަމަށެވެ. އެހެންނަމަވެސް، އެ ބަޖެޓުން، އެންމެ ނިކަމެތި މީހާއަށް، ނުވަތަ އެންމެ އެހީ މުހިންމުވާ މީހާއަށް މިހާރަށްވުރެވެސް ރަނގަޅަށް އެހީތެރިކަން ލިބޭނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދިވެހިންގެ އިޤްތިޞާދީ ފުދުންތެރިކަމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ރޭވެސް ވަނީ، އިޤްތިޞާދީ މައްސަލަތައް ޙައްލުކުރެއްވުމަށް ފައިސާ ޗާޕުކުރައްވާފައި ނުވާނޭކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް ފައިސާ ޗާޕުނުކުރައްވާނޭ ކަމުގައި ވިދާޅުވެފައެވެ. އަދި ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސްކުރުންވެސް މި ސަރުކާރުން ވާނީ ނިމުމަކަށް ގެންނަވާފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރަށް ލިބެން ޖެހި، ނުލިބިފައި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ފައްޓަވައި، އެ މަސައްކަތުން ހޯދުނު ޢަދަދުގެ އެހީގައި، ސަރުކާރުން ނަގަންޖެހޭ ދަރަނިވެސް ކުޑަކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންލައްވާ މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދެވި ހުރި ފަރާތްތަކުގެ ތެރެއިން ފަސްމިލިޔަނުން ދަށުގެ ހުރިހާ ބިލުތަކެއް ދައްކާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ޢަމާޒަކީ ރައްޔިތުން މުއްސަނދިކުރަމުން އިޤްތިޞާދު ހަރުދަނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޤްތިޞާދު ސިންދަފާތުކޮށް، މާލީ ނިޒާމު އަދާހަމަކުރެއްވުމުގެ ގޮތުން، ބަންކަރިން ޚިދުމަތް ތަޢާރަފުކުރުމާއި، އިންޓަރނޭޝަނަލް ފައިނޭންސިން ސަރވިސަވް އޮތޯރިޓީ ޤާއިމުކުރުމާއި، ޑިޖިޓަލް ކަރަންސީ ތަޢާރަފުކުރުމަށް މަސައްކަތް ފެއްޓެވުންފަދަ މަސައްކަތްތައް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ އާއި ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކޮށް، އިންޑިއާ އާއި އިނގިރޭސިވިލާތާއެކު އެފަދަ އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރު ނިމުމާއެކު، އެއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވޭ އެންމެ ބޮޑު ދޮރޯށިކަމުގައި ވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ މި އަހަރުވެގެންދާނީ ދިވެހިރާއްޖެއަށް ދެ މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ފުރަތަމަ އަހަރަށް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.