ތަދުކެނޑުވުމަށް ބޭނުންކުރާ 2 ބޭހެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވޭތީ އެ ދެބޭހަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑިއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އެލާޓެއްގައި ބުނީ، ރާއްޖޭގ މާކެޓްގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށްޓަކައި އެ އޮތޯރިޓީންގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން މާކެޓުން ބޭސްތަކުގެ ސާމްޕަލް ނަގައި ސްކްރީން ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާއިރު، މި މަސައްކަތުގެ ތެރެއިން ސާމްޕަލް ކުރި ތަދުކަނޑުވާ ދެބޭހެއް ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ކަމަށްވާ ޑައިއީތައިލީން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އަށް ޕޮސިޓިވްވެފައިވާކަމަށެވެ.
އެމްއެފްޑީއޭއިން ސަމާލުވުމަށް އަންގާފައިވާ ދެ ބޭހަކީ:
1) ޕާކިސްތާނުގެ އެފްރޯޒް ކެމިކަލް އިންޑަސްޓްރީސް އިން އުފައްދާ މެފްނަކް ސަސްޕެންޝަން (މެފްނަމިކް އެސިޑް) 50 އެމްޖީ/5 އެމްއެލް
2) މެލޭޝިއާގެ ކޮޓްރާ ފާމާ (އެމް) އިން އުފައްދާ އެކްސެލް މެފެނަމިކް އެސިޑް ސަސްޕެންޝަން (މެފެނަމިކް އެސިޑް) 125 އެމްޖީ/5 އެމްއެލް
އެމްއެފްޑީއޭއިން ބުނީ، މިވަގުތު އެ އޮތޯރިޓީގެ ފަރާތުން މި 2 ބޭހުގެ ކޮންފަރމޭޓަރީ ޓެސްޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެހެންކަމުން، އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން މި ދެ ބޭހުގުގެ އެއްވެސް ބެޗެއް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ.
މި ދެ ބޭހަށް އާއްމުންނާއި ބޭސްވިއްކާ ފަރާތްތައް ސަމާލުވުމަށް އިލްތިމާސްކުރަމުން އެ އޮތޯރިޓީން ވަނީ މިވަގުތު ބޭސް ފިހާރަތަކުގެ ބޭސް ގުދަންތަކުގައި ހުރި މި 2 ބޭސް ސްޓޮކާއި ވަކިކުރުމަށް އެދިފައެވެ.