ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އޭސީ ކުރުމުގެ މަޝްރޫއުގައި، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ހޫނުގަދަ ރަށްތަކުގައި ސްކޫލްތައް ހުންނަން ޖެހޭނީ ފިނިކޮށް ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ، ސްކޫލްތައް އޭސީ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ “ކޫލް ސްކޫލް” ޕްރޮޖެކްޓް އިޔާދަކުރަނިވި ހަކަތައިން ހިންގުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
” މި ރަށާއި [ހުޅުދުއްފާރާއި] ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލެއްގެ ހުރިހާ ކްލާހެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫއު ނިންމަން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން، “ކޫލް ސްކޫލް” ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރު ޖޫންގަ އެވެ.
ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގަ އެވެ.