ރ. އަތޮޅު އިންނަމާދޫއާ މާކުރަތުގައި އަޅާ ޕޮލިސް ޕޯސްޓް އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ ރިޓެޔާޑް އަހްމަދު ސައުދީއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރ އަތޮޅަށްް ކުރައްވަމުން މިހާރު ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އިންނަމާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ޕޮލިސް ސްޓޭޝަން ނެތް 46 ރަށެއްގައި 2027 ގެ ކުރިން ޕޮލިސް ސްޓޭޝަންތައް އަޅާ ނިންމާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.