ރާއްޖޭގެ ފަސް އެއާޕޯޓަކަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ.
އޭވިއޭޝަން ސެކިއުރިޓީން ހޯދާ އެއާޕޯޓުތަކަކީ:
* ގަން އެއާޕޯޓު، 6 ސެކިއުރިޓީން
* މަޑިވަރު އެއާޕޯޓް، 3 ސެކިއުރިޓީން
* މާވަރުލު އެއާޕޯޓް، 1 ސެކިއުރިޓީ
* ދާލު އެއާޕޯޓް، 1 ސެކިއުރިޓީ
* މާފަރު އިންޓަނޭޝަނަލް އެއާޕޯޓް، 1 ސެކިއުރިޓީ
މި މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު، ދިވެހިން “ސީ” ފާސް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
މި މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިހާން އޮންނާނީ އަންނަ މަހުގެ 9 އާއި 20 އާ ދެމެދުއެވެ.
އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހުޅުލޭގައި ހުންނަ ހެޑްކުއާޓާއަށެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@avsecom.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 5,920ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 1,500ރ. ލިބޭނެއެވެ. އަދި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި 60ރ. އާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ލިބޭނެއެވެ. މީގެ އިތުރުން ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާވެސް ލިބޭނެއެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3013370 އަދި 3013411 ނަންބަރާ ގުޅުމަށް ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެދެއެވެ.