“ މަގޭ ސޯލާ“ ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ފިއްލަދޫގައި ރައީސް އިފްތިތާހު ކޮށްދެއްވައިފި

ޚަބަރު ފަހުގެ

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގުމަށް ރާވާފައިވާ “ މަގޭ ސޯލާ“ ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ފިއްލަދޫގައި ގައި އިފްތިތާހްކޮށް ދެއްވައިފިއެވެ.

މިޕްރޮގްރާމަކީ ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުމުގައި ރައީސް ކަނޑައެޅުއްވި، 2028 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފެއްދުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެން ދާނެއެވެ. މި ޕްރޮގްރާމަކީ ސަރުކާރާއި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން ޔުޓިލީ ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ފުރަތަމަ ފިޔަވަހީގެ ދަށުން ހޯދިފައިވާ ސިސްޓަމުތައް އިންސްޓޯލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވުމެވެ. މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 750 ގޭބިސީއަކަށް ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެއެވެ.

މި ފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މިނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިންގ އުޞޫލުގެ ދަށުން ގޭގެ ފުރާޅުގައި ސޯލާ ޕީވީ ޖަހައި ނެޓްމީޓަރިންގ އުސޫލުން ކަރަންޓު ބޭނުންކުރަން ފެށުމުން ގޭބިސީތަކުން މިހާރު ކަރަންޓު ބިލަށް ހޭދަކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

މިސާލަކަށް މަހަކު 500 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއަކުން 3 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމުކޮށްފިނަމަ ގާތްގަނޑަކަށް ކަރަންޓަށް ހޭދަކުރާ މިންވަރު 80 އިންސައްތަ ކުޑަވެގެންދާނެއެވެ. ސޯލަރ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާއްމު ފަރުދުންނަށް ދަތިކަމެކެވެ.

މި ޕްރޮގްރާމު ރާވާފައި ވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މިޕްރޮގްރާމުގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަށް އަމިއްލަގޭގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. އަދި މިޕްރޮގްރާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުންވަނީ ރާވާފފައިވާ ގޮތުން މިޕްރޮގްރާމުގެ ދަށުން އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ފުރަތަމަ ކްއާރޓަރުގެ ތެރޭގައި ބީލަން ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ