ހދ. ހަނިމާދޫގައި ބޭންކް ބުރާންޗެއް ގާއިމުކުރުމަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރަށް ހިލޭ ދިނުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. މިކަން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 166 ވަނަ އާންމު ބައްދަލުވުމުގައެވެ.
މި ހުށަހެޅުން ހުށަހެޅުއްވީ ކައުންސިލުގެ ނައިބު ރައީސް ފިރާގު މުޙައްމަދެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ރަށުން ބޭރަށް ޚިދުމަތް ހޯދަން ދިއުން މަދުކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން ލައިސަންސް ނެގުމަށް މިހާރު ރަށުން ބޭރަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި ހޮސްޕިޓަލެއް އެޅޭތޯ ވެސް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަމަށް އަދި އަލިމަގެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިރާގު މުޙައްމަދު މިއަދު ޖަލްސާގައި ބަހުސަށް ހުޅުވާލުމުން ހުށަހެޅުއްވީ 2025 ވަނަ އަހަރު ބޭންކް ބުރާންޗެއް އެޅުމަށް އެއްބަސްވާ ބޭންކަކަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރަށް ބިމު ކުލި ނެގުމަކާއިނުލާ ދިނުމަށެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލުގެ 5 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ނިންމުމާއިއެކު، ހަނިމާދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ހަނިމާދޫ ކައުންސިލް ނައިބު ރައީސް ފިރާގް ވިދާޅުވިއެވެ.