މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރުކަމަށާއި، ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވާދެއްވާ އިއްވެވި، ރިޔާސީ ބަޔާނުގައެވެ.
ރިޔާސީ ބަޔާން އިއްވަވާ ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިއަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ޢަޒުމަކީ، ތެދުވެރިކަމާއި އިޚްލާސްތެރިކަން ކުރިއަށްނެރެގެން، ނަފްސުގެ މައްޗަށް އިތުބާރުކޮށް ހިތްވަރާއެކު ނުގުޑާ ޢަޒުމެއްގައި މަސައްކަތްކުރުންކަމަށެވެ. އެގޮތުން މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރުކަން އެމަނިކުފާނު ވިދާޅުވާ ވިދާޅުވުންވަނީ، ތަކުރާރުކުރައްވާފައެވެ. އަދި ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ދުވަސްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަހަރަކީ ރާއްޖެއަށް ޢުމްރާނީގޮތުން ތަރައްޤީގެ އިންޤިލާބީ އަހަރަކަށްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަންވެފައިވާއިރު، އެކަމުގެ ބޮޑު މަޝްރޫޢުތައް މިއަހަރު ކުރިއަށްގެންދިޔުމަށްވަނީ ނިންމަވާފައެވެ.
“އަޅުގަނޑުގެ ޢަޒުމަކީ ތެދުވެރިކަމާއި، އިޚްލާސްތެރިކަން އަބަދުވެސް ކުރިއަށް ނެރުން. ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތްކުރުން. މާތްﷲ އިރާދަކުރެއްވިއްޔާ މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރު. ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް.” ރައީސް ވިދާޅުވިއެވެ.