ހއ.އަތޮޅު ރަށު ކައުންސިލްތަކަށް ބަގީ، އަދި ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީ އެއަތޮޅު ކައުންސިލުންދެނީ!

ޚަބަރު ފަހުގެ

ހއ.އަތޮޅު ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމާއި އަތޮޅުގެ ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސް ވުންތަކުގައި ސޮއިކުރީ އިއްޔެ އެކަމަށްޓަކައި ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ރަށުކައުންސިލްތަކުގެ ރައީސުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސްކޫލްތަކުގެ ސްޓަޑީ ކޭމްޕު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ހއ. އަތޮޅުގެ ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ.

މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވަނީ ލާމަރުކަޒީ ޤާނޫނަކީ ހއ. އަތޮޅު ރައްޔިތުން ވަރަށް ފަރިތަ ޤާނޫނެއް ކަމަށާއި ލާމަރުކަޒީ ޤާނޫނަށް އަހުލުވެރި މިންވަރު ދައްކުވައިދޭ ސަބު އިންޑެކްސިން ވިދިވިދިގެން 4 އަހަރު އެވޯޑް ޙާޞިލް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ރައްޔިތުންނާއި ގާތުން މިހާރު ދޭ ޚިދުމަތްތަކުގެ އިތުރުން، އިތުރު ޚިދުމަތްތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދެއްވުމަކީ މުހިއްމު ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހއ. އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނަރަލުންނާއި، ހއ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ އިތުރުން ހއ. ދިއްދޫގެ މުވައްސަސާތަކުގެ ވެރީންނާއި ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ