ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީޑީއޯ) އަބްދުﷲ ފާއިދު އަދި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަޙްމަދު ޔާމީން ވަޒީފާއިން ވަކިކޮށްފިއެވެ.
މި ދެ ބޭފުޅުން މަޤާމުން ވަކިކުރިނަ އެޗްޑީސީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ވަކިކުރި ސަބަބާއި އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެޗްޑީސީން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ދެ ބޭފުޅުން ވަކިކުރީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގާއި ގުޅިގެންނެވެ.
ފާއިދާއި ޔާމީން އެންމެ ފުރަތަމަ ސަސްޕެންޑް ކުރިއެވެ. އެ މީހުން ސަސްޕެންޑްކޮށްފައި ވަނީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްސަލަތައް ތަހުގީގު ކުރަން ފެށުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، މި ދެ ބޭފުޅުންނާއެކު 15 މުވައްޒަފަކު މަޤާމުން ވަކިކުރެވުނު ނަމަވެސް، ފަހުން އެ އެންމެންގެ ވަޒީފާ އަނބުރާ އިޔާދަކުރެވުނެވެ. އެހެންނަމަވެސް، މައްސަލަތައް ތަޙުޤީޤުކޮށް ނިމެންދެން އެ ފަރާތްތައް ތިބީ ސަސްޕެންޑް ކުރެވިފައެވެ.
ބިންވެރިޔާ ސްކީމްގެ މައްސަލަ ފެށިގެން އައީ، އެޗްޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަށް ޝަރުޠު ހަމަނުވަނީސް ގޯއްޗެއް ދިން މައްސަލަ ހާމަވުމާ ގުޅިގެންނެވެ.
މި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ވަނީ ފުޅާ ދާއިރާއެއްގައި ތަހުގީގެ ފަށާފައެވެ. މި މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކުރެވުމާއެކު، އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ނަމަވެސް، މި ތަހުގީގުގެ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.