މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ) އަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެމްޓީސީސީއިން އިން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ 2023 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 3.2 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.
މީގެއިތުރުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 99.1 މިލިޔަން ރުފިޔާ ލިބިފައިވާއިރުގައި މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 84.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީސީސީއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބިފައިވާ އިރު ޓެކްސްއަށް ކެނޑުމަށްފަހު އެ ކުންފުންޏަށް ލިބިފައިވަނީ 151 މިލިއަން ރުފިޔާގެ ފައިދާ އެކެވެ.