ފެނަކައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންދިޔަ އައިސް ޕްލާންޓުތަކެއް ހިންގުން، ގައުމީ މަސް ކުންފުނި، މިފްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
ފެނަކައިގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އަދި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ.
މިފްކޯ އިން ބުނީ އައިސް ޕްލާންޓުތަކުގެ ހިންގުން އަލުން އޮޕަރޭޝަނަށް ގެންނަން އެ ކުންފުނީގެ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފްކޯއަށް ބަދަލުކުރި އައިސްޕްލާންޓްތައް:
– ހއ. އިހަވަންދޫ
– ނ. ޅޮހި
– ރ. އަލިފުށި
– ބ. ތުޅާދޫ
– ފ. ފީއަލި
– ފ. ނިލަންދޫ
– ތ. ހިރިލަންދޫ
– ގއ. ދާންދޫ
– ގއ. ދެއްވަދޫ
– ގއ. ގެމަނަފުށި
– ގއ. ކޮލަމާފުށި
– ގދ. ފަރެސްމާތޮޑާ
– ގދ. ފިޔޯރީ
– ސ. ހިތަދޫ
ރައްޔިތުންގެ މަޖިލީހުގައި ދާދިފަހުން ވާހަކަ ދައްކަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފެނަކައާ އައިސް ޕްލާންޓުތައް ހިންގަން ހަވާލު ކުރިއިރު، އައިސްޕްލާންތައް ހިންގުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތް ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް އައިސްޕްލާންޓައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށާއި ނަމަވެސް މިހާރު ގިނަ އައިސްޕްލާންޓްތަކެއް އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ފެނަކައަށް ގެއްލުން ވާތީ އައިސްޕްލާންޓްތައް ހިންގުން އެ ކުންފުނިން ހުއްޓާލީ މިދިޔަ އަހަރު ތެރޭގަ އެވެ.