ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

އެ ބޭންކް އިން ވިދާޅުވީ، މިރޭ ހުޅުވި އާ އޭޓީއެމްއިން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭ އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާދެއްވީ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފާއި، އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ގާއިމްކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަ ކުރެވިފައިވަނީ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.

އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

“އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން.”

އައްޑޫއަށް ޑޮލަރު ޚިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީއިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 151 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ