ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް 1500 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފި

ޚަބަރު ފަހުގެ

ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި ޢުމްރާއަށް ދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް 1500 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް އެ ބޭންކް އިން ނިންމައިފިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ ފެބްރުއަރީ ހަ ވަނަ ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސްގެ އެ އެންގުމާއި އެއްގޮތަށް ބީއެމްއެލް އިން އެކަން ހަމަޖައްސާފައިވާއިރު، އެ ބޭންކް އިން މިއަދު ވިދާޅުވީ، އެ ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިިއްޔާގައި ކަމަށެވެ. މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް ބޭންކުން އެ ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަަމަށްވެސް ބީއެމްއެލް އިން ވިދާޅުވެފައި ވެއެވެ. އެހެންކަމުން އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ ފަރާތްތަކުން އެ ގްރޫޕަކާ ގުޅުމަށް އެދޭ ކަމަށްވެސް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.

އަދި އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރު ކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށްވެސް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.

ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓްކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެއެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ އުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ