48 ރަށެއްގައި ކުޑަކުދިންގެ ޕާކް ތަރައްގީކުރަން ނިންމައިފައިވާކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގެ 48 ރަށެއްގައި ކުޑަކުދިންގެ ޕާކް ހެދުމަށް ނިންމާފައިވާކަމަށެވެ. އެތަނުން 39 ޕާކަކީ އިންޑިޔާ ސަރުކާރުގެ އެހީގައި ހަދާ ޕާކްކަމަށާއި އެސްޓީއޯގެ ސީއެސްއާރު ދަށުން އިމާރާތްކުރާ ދެ ޕާކް އާއި، މިނިސްޓްރީގެ ޕީއެސްއައިޕީގެ ބަޖެޓުގައި ހިމަނައިގެން އިމާރާތް ކުރާ ހަތް ޕާކް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“48 ރަށެއްގައި ކުޑަކުދިންގެ ޕާކް އެޅުމުގެ މަޝްރޫއު އަޅުގަނޑުމެންގެ އެބައޮތް. އެއީ އިންޑިޔާ ސަރުކާރުގެ އެހީގައި ތައްޔާރުކުރާ 39 ކުޑަކުދިންގެ ޕާކާއި އެސްޓީއޯގެ ސީއެސްއާރު ދަށުން އިމާރާތްކުރާ 2 ކުޑަކުދިން ޕާކާއި އަޅުގަނޑުމެންގެ މިނިސްޓްރީގެ ފަރާތުން އިމާރާތްކުރާ 7 ކުޑަކުދިންގެ ޕާކް.” މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
މި މަސައްކަތްތައް މިހާރު ހުރީ ތަރުތީބުކުރެވިފައި ކަމަށާއި އަދި އިންޑިޔާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރާ ޕާކްތަކުގެ ޕްރޮޕޯސަލްތައް މިހާރު މިނިސްޓްރީ އޮފް ފޮރިން އާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި މަސައްކަތް ލަސްނުވެ ފެށިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.