މޮޅަދޫ ކައުންސިލްގެ އިސްނެގުމުގެ ދަށުން، ހއ. މޮޅަދޫ ޑަބްލިއު.ޑީ.ސީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ “ނޫރު މަދަހަ މުބާރާތް” ގެ ދެވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.
މި މުބާރާތަކީ މިދިޔަ ރަމަޟާން މަހުވެސް ބޭއްވުނު މުބާރާތެއް ކަމަށާއި، މިފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗު 5 ވަނަ ދުވަހު ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް 4 އުމުރުފުރައެއް ކަނޑައަޅާފައިވާ ކަމަށާއި، އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މަތީގެ އުމުރުފުރާތައް ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މުބާރާތުގެ އެންމެ މޮޅު ބައިވެރިޔާއަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ ކަމަށާއި، ދެވަނައަށް 2500 ރުފިޔާ އަދި ތިންވަނައަށް 1500 ރުފިޔާ ލިބޭނެ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ މޮޅު ބައިވެރިޔާގެ މަޤާމު ހޯދާފައިވަނީ ހއ. މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމް ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ވަރަށް މަޝްހޫރު ފަރާތްތަކެއް ބައިވެރިވާނެ ކަމަށް ކައުންސިލުން ބުނެފައިވާއިރު، އެ ފަރާތްތަކަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.