އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ ރަމަޟާންމަހުގެ ކުރިން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރައްވާނެކަމަށް އެކި ފަހަރުމަތިން ދެންނެވިނަމަވެސް އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ކުރިން ލިސްޓު އާންމުކުރައްވާނެކަމަށް ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާ ރައީސް ވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުން ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއްގެގޮތުގައި ދެކޭކަމަށެވެ. އެންމެ ކުޑަ ރަށުގައި ހުންނަ ރައްޔިތަކީވެސް އެންމެ ބޮޑު ރަށުގައި ދިރިއުޅޭ ރައްޔިތެކޭ އެންހަމަ ރައްޔިތެއްކަމަށާއި ޚިދުމަތް ދިނުމުގައިވެސް މި ޢަދަލުވެރިކަމާއި އިންސާފުވެރިކަން ޤާޢިމުކުރަން ބޭނުންވާކަމަށެވެ.
“ރައްޔިތުން ގާތަށް އައިސް އަޑުއަހާލީމަ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުން އަޅުގަނޑަށް އެނގޭނީ، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތިޔަ ބޭފުޅުންނަށް ލިބިލައްވާ ހިތްހަމަޖެހުމެއްވިއްޔާ. އަޅުގަނޑު ބޭނުންވަނީ މިގޮތަށް ގުޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ގާތުން ޚިދުމަތްކޮށް، ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްކުރަންކަން އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް ދަންނަވަން ބޭނުން.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ހުރިހާވެސް އަމާޒެއްހުރީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އެގޮތުގައި ފުއްދުމަށްކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ތަރައްޤީގެ ކަންކަން ބާރު ދުވެލީގައި ކުރިއަށްދާނެ ދުވަސްތަކަކށް ވެގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.