ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
އެދުވަހު ހައްޔަރު ކުރީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56) އާއި ފާޠިމަތު މާޔާ (25) އެވެ.
މިމައްސަލައާއި ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތު ފަސް ދުވަހަށް އަދި ފާތިމަތު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އާމިނަތަކީ ފާތިމަތުގެ މަންމައެވެ.
އެއަށްފަހު އާމިނަތު ބަންދުގެ މުއްތަތު ހަމަވުމުން ދެ ވަނަ ފަހަރަށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މިފަހަރު މިވަނީ ފާޠިމަތު މާޔާ ބަންދު މުއްދަތު ހަމަވުމުން ބަންދަން ގޮތެއްނިންމަން 27 ފެބުރުވަރީގައި ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަށް ކޯޓުން އަމުރުކޮށްފައެވެ.
މި އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމެވެ.