ޖަމްޢިއްޔަތުއްސަލަފްގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓެއް ހިންގަމުންދާކަމަށް ޖަމްޢިއްޔާގެ ސެކްރެޓަރީ މުޙައްމަދު ޝުޖާޢު މިއަދު ހާމަކުރައްވައިފިއެވެ. މިކަމަށް އާންމުން ސަމާލުވުމަށް އޭނާ ގޮވާލައްވާފައިވެއެވެ.
ޝުޖާޢު ވިދާޅުވިގޮތުގައި މިކަން ފުރަތަމަ ޖަމްޢިއްޔާގެ ސަމާލުކަމަށް އައީ “ސަލަފް ރޯދަ ހަދިޔާ” އިވެންޓު ފެށުނު ހިސާބުންނެވެ. އޭރުވެސް މިކަން ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ޕޭޖްގައި ކޮމެންޓްކޮށް، ހަދިޔާ ލިބިފައިވާކަމަށް މީހުންނަށް ޓެގްކޮށް ހަދަމުންދަނީ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ފޯނުކޮށް، އެކަން ޙިއްސާކުރަމުންދޭ,” ޝުޖާޢު ވިދާޅުވިއެވެ.
މީގެއިތުރުން، ރަމަޟާންމަހުގެ ސުވާލު މުބާރާތްތަކުގައި ޖަވާބު ދީފައިވާ ފަރާތްތަކަށް މި ފޭކް އެކައުންޓުން ޓެގްކޮށް މަރުޙަބާ ކިޔާ ކަންކަން ކުރަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފުން އެއްވެސް ފަރާތަކަށް ފްރެންޑު ރިކުއެސްޓެއް ނުފޮނުވާނެ ކަމަށާއި، “ނަސީބުވެރިޔާ” ޓެގެއްވެސް ނުކުރާނެ ކަމަށެވެ.
މިފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ޝުޖާޢު ގޮވާލައްވާފައިވެއެވެ. އަދި މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ނަޞޭޙަތްތެރިވެވަޑައިގެންފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މެނުވީ އެހެން އެއްވެސް އެކައުންޓަކުން ޖަމްޢިއްޔާގެ ނަމުގައި މުޢާމަލާތެއް ނުކުރާނެކަން ޝުޖާޢު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ވަގުތުން ޖަމްޢިއްޔާއަށް އެންގުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.