ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ކަމަށާ، އެއީ “ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި” އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
“.އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،” ސުއޫދުގެ ސިޓީގައި ވެ އެވެ.
ހުސްނުއް ސުޢޫދު އިސްތިއުފާ ދެއްވާފައިމިވަނީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމާފައި ވަނިކޮށް، ސުއޫދު ހިމެނޭހެން ތިން ފަނޑިޔާރެއް ސަސްޕެންޑުކޮށް އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިޤާލީ ސުޕްރީމް ކޯޓުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2014ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދު ކުރިއެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ދުވަސްވަރު 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރުކުރިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއް ސުޢޫދު އައްޔަންކުރައްވާފައިވަނީ 8 ޑިސެމްބަރު 2019 ވަނަ އަހަރުއެވެ. އެ މަޤާމަށް ސުޢޫދު ޢައްޔަންކުރެއްވީ ކުރީ ސަރުކާރުގައި އުފެއްދެވި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވަނިކޮށެވެ.