ކަސްޓަމްސް އިން މިއަދު ބުނީ، ޕޯސްޓު މެދުވެރިކޮށް އިއްޔެ ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގައި ޑްރަގް ފޮރުވާފައި ހުރި ކަމަށް ޝައްކުވެގެން ބަލާފައިވާ ކަމަށެވެ.
އެގޮތުން ބަލާ ފާސްކުރިއިރު އޭގެ ތެރެއިން ފެނުނު ޑްރަގް ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ޕެކޭޖުގެ ތެރެއިން ފެނުނު ކެނަބިސްގެ ބަރުދަނުގައި 1.070 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ ތަކެތީގެ މަގުމަތީ އަގު 856,000ރ. އަށް އަރަ އެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލައާ ގުޅިގެން ޕެކޭޖު ބަލައި ކަސްޓަމްސް އަށް ދިޔަ އުމުރުން 52 އަހަރު ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި، ޕެކޭޖުން ފެނުނު ޑްރަގް ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.